ދޮންތުއްކަލާގެ އައްޑޫ ދަތުރު.
މިއީ 1947 ގައި އޭރުގެ މަޙްކަމަތުއް ތިޖާރާގެ ވަކީލު މުހައްމަދު ޢިސްމާޢީލް ދީދީ ނުވަތަ ދޮންތުއްކަލާ، ސަރުކާރުގެ ބޮޑުނާކޮޅު ޢަތިއްޔަތުއްރަޙްމާނުގައި އައްޑުއަށް ކުރެއްވި ދަތުރުނާމާ "ދޮންތުއްކަލާގެ އައްޑޫ ދަތުރު" މިފޮތުން ނަގާފައިވާ ބައިތަކެކެވެ. އޭނާ މިދަތުރު ކޮށްފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމަ ނިމުނުތާ 1 އަހަރާ 6 މަހާ 8 ދުވަސް ފަހުންނެވެ.
މިބައިތައް ލިޔެވޭ ވަރަކުން ދާނީ އަޕްޑޭޓް ކުރެވެމުންނެވެ.
2 ޖުމާދުލް އައްވަލް
24 މާރިޗު
މިއަދު މެންދުރުގެ ފަހުގައި ދިޔައީ ފޭދޫ ވަށެވެ. މަރަދުވާ ފޭދުވާ އެދޭތެރޭގެ ފަޅު ބައްދާލާފައި ވަނީ އިގިރޭސިން އެޅި ފާލަމަކުންނެވެ. މިފާލަން ގަމާ ފޭދޫވާ ގުޅުވި ފާލަމަށްވުރެ ތަންކޮޅެއް ކުރުކަން ނޫނީ އެހެން ހުރިހައި ގޮތެއްމެ އެފާލަމެކޭ ހަމަ އެއްގޮތެވެ.
ސ. ފޭދޫ
ފޭދޫގެ ދިގުމިން މޭލަކާ ދާދި ގާތްކުރާނެއެވެ. ދިގުމިނާ ބެލުމަށް ހަނި ރަށެކެވެ. އިގިރޭސިން އައުމުގެ ކުރީގައި 250 މީހުން އެރަށުގައި ތިއްބެވެ. އިގިރޭސިން ބޭނުން ވެގެން ފޭދޫ ހުސްކުޅަ އިރު އެރަށުގާ ތިބި މީހުން ސަރުކާރުން ފޮނުވީ މާމެންދުވަށެވެ. މާމެންދޫގެ ވާހަކައިގެ ތެރޭގާ ފޭދޫ މީހުންގެ ޚަބަރު ލިޔެވިފައި ވާނެއެވެ. އިގިރޭސިންނަށް ބޭނުންވެގެން ފޭދޫ ހުސްކުޅަ ކަމަކު އެބައިމީހުން ފޭދޫގައި އެއްވެސް ބާވަތެއްގެ ޢިމާރާތެއް ކޮށް ހަދާފައެއް ނެތެވެ.
ރަށުގެ ދެކުނު ފަރާތުގައި ލޯރި ދުއްވާނޭ މަގެއް އެއްކޮޅުން އަނެއް ކޮޅަށް ހަދާފައި ވެއެވެ. އެކަމަކު ދެފަރާތުން ހެދުނު ގަސްތައް ބޮޑެތި ވެގެން އައިސް މިހާރު ބައެއް ދިމާގައިވަނީ ކރިޔާ އެކަކަށް ހިގޭވަރުގެ މަގެކެވެ.
ފޭދުވަކީ ރުއްގިނަ ބިން ރަގަޅު ރަށެކެވެ. އަލަ، ކައްޓަލަ، ފަތްކެޔޮ ފަދަ ތަކެތި މަރަދުވެކޭ ދާދި އެއްގޮތަށް ހެދެއެވެ. އެރަށުގައި ބޮޑެތި ބަނބުކެޔޮ ގަސް ތަކާއި ހިސާބަކަށް ކަށިކެޔޮ ހެދިފައި އެބަހުއްޓެވެ. ރަށުގެ ފަޅު މަރަދުވެކޭ ދާދި އެއްގޮތެވެ.
5 ޖުމާދުލް އައްވަލް
28 މާރިޗު
މިއަދު މެންދުރުން އަބުރާ 2 ޖެހިއިރު މަރަދޫގެ މަސްދޯންޏެއްގައި ފުރައިގެން ފަލި ޖަހާފައި މާމެންދުވަށޭ ދިޔައީ.
މާމެންދޫ
މާމެންދުވަކީ މޭލެއްހައި ދިގު ރަށެކެވެ. ހިތަދުވަށްވުރެ މާފުޅާވާނެއެވެ. ބިންރަގަޅު ރުއް ހެދޭ ރަށެއްމެއެވެ. ބަނބުކެޔޮ ކަށިކެޔޮ ފަދަ ތަކެތި ހެދިފައި ވާލެއް މަދު ނަމަވެސް ފަތްކޭލާއި އައްޑު އަތޮޅުގައި ހެދޭ ފަލަމަޑީގެ އެހެން ތަކެތި ރަނގަޅަށް ހެދޭރަށެކެވެ. އިހުގައި ހިތަދޫ މީހުން ކައިބޮއި އުޅުނީ މިރަށުގައި ގޮވާން ކޮށްގެންނެވެ.
އައްޑު އަތޮޅަށް އިގިރޭސިން ފޭބުމަށްފަހު ދިވެހި ސަރުކާރުން ގަމާ ފޭދުވާ ދެރަށުގައި ތިބި މީހުން ފޮނުއްވީ މާމެންދުވަށެވެ. މިހާރުވެސް އެދެބައި މީހުން އުޅެނީ މާމެންދޫގައެވެ.
578 ގަމުން މާމެންދުވަށް އައި މީހުން
255 ފޭދޫން މާމެންދުވަށް އައި މީހުން
833 މިހާރު މާމެންދޫގައި އެކު ތިބި މީހުންގެ ޢަދަދު
މިދެބައި މީހުން ތިބެނީ 2 އަވަށުގައެވެ. މުޅީންވެސް ހުރީ ވަގުތީ ގޮތަށް މުޑިޖަހައި ތޮށަލި ލައިގެން އަޅާފާހުރި ގޭގެއެވެ.
ގަމު އަވަށް
ގަމު އަވަށުގެ ގެދޮރު ހުރިގޮތާއި ބަލާފައި ތާހިރެވެ. މީހުންގެ އަންނައުނު ތާހިރުވެފައި އަލެވެ. މީހުންގެ ހަށިތައް ރަގަޅެވެ. އެބައި މީހުންނަކީ ދަނޑުގޮވާމުން ކައިބޮއި އުޅޭ ބައެކެވެ. މިހާރު ކައިއުޅެނީ މާމެންދޫން ލިބުނު އެއްޗަކާއި، ގަމުގައި ގޮވާން ކޮއްގެން ލިބުނު އެއްޗެކެވެ. ފިރިހެނުންގެ ސަތޭކަ ވަރަކަށް މީހުން ކޮންމެ ދުވަހަކު ގަމަށްގޮސް ގޮވާން ކުރަނީ އެވެ. އައްޑު އަތޮޅު މީހުން ގޮވާން ކުރަނީއޭ ކިޔަނީ އަލަ، ކައްޓަލަ ފަދަ ތަކެތި ހެއްދުމަށެވެ.
މާމެންދޫ މަދަރުސާ
ގަމާއި ފޭދޫގެ ކުދީން ކިޔަވަން މާމެންދޫގައި ހުރީ އެއް މަދަރުސާ އެވެ. މިތާނގައި ވިއްސަކަށް ފިރިހެން ކުދީންނާއި ހަމަ އެހައިމެ އަންހެން ކުދީން ކިޔަވައެވެ. އަޅުގަނޑު މަދަރުސާޔަށް ދިޔަ ދުވަހަކީ، ކުޑަކަހަލަ އިމްތިޙާނެއްގެ ދުވަހެކެވެ. މަދަރުސާ ހިންގާ ކޮމިޓީ ވެސް އެއްވެފައި އޮތެވެ. އަންހެން ކުދީންނާއި ފިރިހެން ކުދިން މަދަރުސާގައި އެއްވެ ތިއްބެވެ. ކުރީގައިތިބީ އަންހެން ކުދީންނެވެ. ކުޑައިކޮށް ސުވާލު ކޮށްލައި ހެދީމެވެ. ދީނިއްޔާތުގެ ގިނަ ސުވާލަށް ޒުވާބު ދިނެވެ. ގުނަކޮށް، ގެއްލާ، އެއްކޮށް ހަދާގޮތް ދަންނަ ކުދިން ހިސާބަކަށް ތިއްބެވެ. ކުދީންލައްވާ ޢަދަދު ޖައްސާލާ އެއްކުރުވާލާވެސް ހެދީމެވެ. އަންހެންކުދީންގެ ވެސް ބައެއް ކުދިން ކުށްނުލައި ހެއްޖެވެ. ފިރިހެންކުދީންގެ ތެރޭގައި އެއްކުރާން ވަރަށް ފަރިތަ ކުއްޖަކު ހުއްޓެވެ. އެއީ ޢަލީބޭގެ (އައްލާބިޔާގެ) ޢަބްދުﷲ ދީދީ އެވެ. ފުދޭވަރަށް ނޫސް ކިޔޭ ކުއްޖަކު ނެތެވެ.
މާމެންދޫ މަދަރުސާ ކުދީންނަށް ދިން ނަސޭހަތ
މާމެންދޫ މަދަރުސާގެ ފިރިހެންކުދީންނާއި އެކުދީންގެ ބަލަދު ވެރިން މަދަރުސާ އަށް އެއްކޮށްގެން ހަވީރު 4 ޖެހިއިރު ނަސޭހަތްދީ ވާހަކަ ދެއްކީމެވެ. ޢިލްމު ދަސްވެގެން ނޫނީ ދުނިޔޭގެ ކަމަކަސް އާޚިރަތުގެ ކަމަކަސް ރަގަޅަށް ނުކުރެވޭނެ ކަމާއި ޢިލްމު ހޯދުމީ ނުހަނު ބޮޑު މަސައްކަތެއްކަން އެންގުމާއިއެކު އެމަސައްކަތް ކުރެވޭނީ ސިއްހަތުގައި ހުރި ބާރަކުންކަން އަންގައިދިނީމެވެ. ދީނުގެ ފަރާތުން ވާޖިބުކުރާ ކަންތައް އަދާކުރުމާއި މައިންބަފައިންނަށް ކިޔަމަން ގަތުމީ ހަމަ ކޮންމެހެން ކުރާންވެއްޖެ ކަމެއްކަން އެންގީމެވެ. ދިވެހި ދައުލަތުން އެކުދީންނަށް ކިޔަވައި ދެއްވުމަށް ކުރައްވާ މަސައްކަތާއި ވެވަޑައިގަންނަވާ އެހީފިލުވައި ދިނުމަށްފަހު އެކަމަށް ޝުކުރު ކުރާނެގޮތް އަންގަމުންނޭ ނިންމާލީ. އެއަށްފަހު ފިރިހެން ކުއްޖަކު ތެދުވެހުރެ ކުޑަވާހަކަ ކޮޅެއް ދެއްކިއެވެ. އެއީ ދިވެހި ދައުލަތަށާއި ދައުލަތް ހިންގަވާން ތިއްބެވި ބޭފުޅުންނަށް ތާރީފު ކުރުމާއި ޝުކުރު ކުރުމާއި އަދި ނަސޭހަތް ދިންމީހާޔަށް އެކަށީގެންވާ ޝުކުރު އަދާކުޅައުމެވެ. ފަސްގަޑި ފަނަރާގައި އަންހެންކުދީންނާއި އެކުދީންގެ ބަލަދުވެރި އަންހެނުން މަދަރުސާޔަށް ގެނަސް ވާހަކަ ދައްކައި ނަސޭހަތްދީ ހެދީމެވެ. އަންހެން ކުދީންގެ ވާޖިބުތަކުގެ ތެރެއިން ގެ ހިންގުމާއި ބަލިމީހުން ބެލުމާއި، ޅަދަރިން ތަރުބިއްޔަތު ކުޅައުމުގެ މައްޗަށް އެބައިމީހުންނާއި އެކަށޭނަ ގޮތުން ވާހަކަ ދެއްކީމެވެ. އައްޑުއަތޮޅުގެ އަންހެންކުދީން މީހުންނާއި އިންނަލެއް އަވަސްކަމާއި ހަމަ ބޮޑުނުވަނީސް ލިބޭދަރިން ދެރަވާނޭކަމާއި އަދި ވިހާމައިމީހާޔަށްވެސް ހުރި ގެއްލުން ހިސާބަކަށް ބުނެދިނުމަށްފަހު ހަމަބޮޑުވާންދެން މީހުނާ ނުއިދެ ތިބުމުގެ މާނަޔަކީ ފިރިހެނުންގެ ކިބައިން ތިމާގެ ލަދުތަދު ރައްކައުތެރިކޮށްގެން ތިބުންކަން އެންގީމެވެ. ބައިގަޑިއެއްހައި އިރު ވާންދެން ވާހަކަ ދެއްކުމަށްފަހު ދެއަންހެންކުދީން ދެފަހަރުމަތީން ތެދުވެތިބެ ޝުކުރު އަދާކުޅައެވެ. ހިތަދޫ ނޫނީ ދެން އެންމެ ރަގަޅަށް ވާހަކަދެއްކީ މިކުދީންނެވެ. އެއީ ޚަތީބު ދޮންރަހާގެ ސަޢީދާ އާއި ފައުޒިއްޔާއެވެ. އެއް ކުއްޖަކަށް 13 އަހަރެވެ. އަނެއް ކުއްޖަކަށް 11 އަހަރެވެް
|