ޑރ. ހަސަން ސަޢީދުގެ ތަޢާރަފެއް
ޑރ. ހަސަން ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 ޖެނުއަރީ 1970 ވަނަ އަހަރު ސ. ފޭދޫގައެވެ. ދީނީ ތަޢުލީމު ހާސިލް ކުރެއްވުމަށްޓަކައި ޕާކިސްތާނަށް ވަޑައިގަތީ އުމުރުން 11 އަހަރުގައެވެ.
7 އަހަރު ޕާކިސްތާނުގައި ދީނީ ތަޢްލީމު ހާސިލް ކުރެއްވުމަށްފަހު ދެން ވަޑައިގަތީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ތަޢްލީމު ހާސިލް ކުރެއްވުމަށެވެ. މެލޭޝިޔާގައި ޤާނޫނީ އަދި ޝަރުޢީ ރޮގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލް ކުރެއްވިއެވެ. ކޮންސްޓިޓިއުޝަނަލް ލޯގެ ދާއިރާއިން އޭނާ ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީ އިންނެވެ.
ޑރ. ހަސަން ސަޢީދު ކައިވެނީގެ ގޮތުން ގުޅިވަޑައިގަތީ މެލޭޝިޔާގެ ބޭފުޅެއް ކަމުގައިވާ ފާތިން ޔޫސުފުއާއެވެ. އޭނާއަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމީ ޝަރުޢިއްޔާއިން ފުރަތަމަ ޑިގްރީއާއި، އިންޓެލެކްޗުއަލް ޕްރޮޕޮޓީ ލޯއިން މާސްޓަރސް ޑިގްރީ ހައްދަވާފައިވާ ތަޢްލީމީ ބޭފުޅެކެވެ. މިޒާޖުގައި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ ފާތިންއަކީ މެލޭޝިޔާގެ މެދުފަންތީގެ ޤަދަރުވެރި އިސްލާމީ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ހަސަން ސަޢީދަކީ އޮސްޓްރޭލިޔާގެ އެންމެ އިސް ކޯޓުގައި އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެކެވެ. ޑރ. ހަސަން ސަޢީދުވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވަޒީފާގެ ތަޖްރިބާ ހާސިލް ކުރައްވާފައެވެ. މިގޮތުން އޮސްޓްރޭލިޔާގައި އޭނާ ކިޔަވާ ވިދާޅުވި ޔުނިވަރސިޓީގައި ކިޔަވައި ދެއްވުމާއި، ރިސަރޗް މަސައްކަތާއި، ޑިގްރީ އަދި މާސްޓަރސް ފެންވަރުގައި އިސްލާމީ ޤާނޫނު ތަޢާރަފު ކުރެއްވުމަށްޓަކައި މުޤައްރަރު ތައްޔާރު ކުރެއްވުން ހިމެނެއެވެ. އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި ސްޓޭޓް އެޓަރނީ ކަމާއި، ޖިނާއީ ކޯޓާއި، ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސް ޤާޟީ ކަމާއި، ދައުލަތުގެ ބަންޑާރަ ނާއިބުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ ރައީސް ކަމާއި، ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ ބޯޑް އޮފް ގަވަރނަރސް އަށް ދިވެހި ސަރުކާރުން ޢައްޔަން ކުރައްވާފައިވާ މަންދޫބުކަން ހިމެނެއެވެ.
ޑރ. ހަސަން ސަޢީދަކީ ރާއްޖެއަށް ޒަމާނި އިސްލާހް ގެންނެވުމުގައި މުހިންމު ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ސިޔާސީ ޕާރޓީ ތަޢާރަފް ކުރެއްވުމުގައި ސަރުކާރުގެ މިޞްރާބު ބަދަލު ކުރެއްވީ އޭނާ ދެއްވި ޤާނޫނީ ލަފާފުޅުގެ މަތިންނެވެ. ރައްޔިތުންގެ ހައްޤުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ޖިނާޢި ޢަދުލުގެ ނިޒާމާއި ޤާނުނުލް ޢުޤޫބާތު ޒަމާނާ އެއްގޮތަށް ބަދަލު ކުރެއްވުމަށް ރައީސް މައުމޫނު ހުރަސް އަޅުއްވަން ފެއްޓެވުމުން، ރައްޔިތުންގެ ހައްޤުގައި ވަޒީރުންގެ މަޖިލީހުން ފަހުގެ ތާރީޚެއްގައި އިސްތިޢުފާ ދެއްވި ފުރަތަމަ ލީޑަރު ކަމުގައި އޭނާ ވަނީ ވެވަޑައިގެންފައެވެ. ގިނަބަޔަކު ދެކޭގޮތުގައި ރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމަކަށް ޒަމާނީ ތަރައްޤީގެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މިވަގުތު، ޑރ. ހަސަން ސަޢީދަކީ ރާއްޖޭގެ ވެރިކަމަށް އިސްކުރުމަށް އެންމެ އެކަށީގެންވާ ބޭފުޅާއެވެ.
|